ތިލަފުށީގެ ކުނި ނައްތާލާ ސަރަހައްދަށް ގެނެވުނު ބަދަލުތައް

ރާއްޖޭގެ އާބާދީގެ %38 ދިރިއުޅެނީ ގްރޭޓަރ މާލެ އޭރިއާގައެވެ ( ޒޯން 3). މާލޭ ސަރަޙައްދުން ނެގޭ ކުނި، ވޭތުވެ ދިޔަ 28 އަހަރު ޖަމާކޮށް އަންދަމުންގެންދިޔައީ މާލެ އާއި 6 ކިލޯމީޓަރު ދުރުގައި އޮންނަ 10 ހެކްޓަރުގެ ތިލަފުށީގައެވެ. އެދެވޭ ގޮތެއްގައި ކުނި މެނެޖް ނުކުރެވުމުގެ ސަބަބުން ގްރޭޓަރ މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންވަނީ ކުނީގެ ސަބަބުން ދިމާވާ އެކި އެކި މައްސަލަތައް ތަޙައްމަލު ކުރަން ޖެހިފައެވެ. މީގެ ތެރޭގައި ކުނި ނަގައި ނައްތާލުމަށް ހުރި ދަތިތަކާއި ހުރަސްތަކާއި ހުރެ ދިމާވާ މައްސަލަތަކާއި، ކުނި އެންދުމުގެ ސަބަބުން ސިއްޙީގޮތުން ކުރާ ނޭދެވޭ އަސަރު ހިމެނެއެވެ. މީގެ ސަބަބުން ތިމާވެއްޓަށާއި އާންމު ސިއްހަތަށް ފޫނުބެދޭވަރުގެ އަރައްކާ ކުރިމަތި ވެފައިވެއެވެ.

ވޭތުވެ ދިޔަ އަހަރުގެ ތެރޭގައި ތިލަފުށި ވޭސްޓް މެނެޖް މަންޓް ސައިޓަށް އެދެވޭ ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. މީގެ ތެރޭގައި ކުނި އުފުލާ އުޅަނދު ގާތްކުރާ ބަނދަރު ސަރަޙައްދު ތަރައްްޤީ ކުރުމާއި، އެހެނިހެން ވަޞީލަތްތައް ޤާއިމުކުރުމަށް ބިން ހިއްކައި ތައްޔާރުކުރުން ހިމެނެއެވެ. އެންމެ ފާހަގަކޮށްލެވޭ ކަމަކީ 28 އަހަރުވީ ކުނި ފުނިން އަރަމުންދިޔަ ދުން އެރުން ހުއްޓުމުކަށް ގެނައުމެވެ.