ކުނިމެނޭޖްކުރުމުގެ ގަވާއިދަށް 2021 އޯގަސްޓް 17ގައި ގެނެވުނު އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި ކުނި އުކާލާފަރާތުން ބައިބަޔަށް ކުނި ވަކި ކުރަންޖެހެއެވެ.

ޒޯން 3 ގައި ހިމެނޭ ބައެއްރަށްރަށުގައި ކުނި އުކާލުމުގެ ކުރިން މައިގަޑު 2 ބަޔަކަށް (ފަނާވާޒާތު ކުނި އަދި އެހެނިހެން ބާވަތްތައް) ކުނިވަކި ކުރާކަމަށް ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް މާލޭ ސިޓީގައި ކުނި އުކާލުމަށް ނެރެނީ ހުރިހާ ބާވަތެއްގެކުނި އެއްކޮށެވެ. ހެޔޮގޮތުގައި ކުނި މެނޭޖްކުރުމުގެ ނިޒާމެއްގައި ބައިވެރިވެ ޒިންމާދާރު ވުމުގެ ގޮތުން ކުނި އުފައްދާ އެންމެހާ ފަރާތްތަކުން (ގޭބިސީގައި މަސައްކަތުގެ މާހައުލުގައި އަދި ވިޔަފާރިތަކުގައި) ކުނި ވަކިކުރަންޖެހެއެވެ.

ބައެއް މީހުން މިކަމާގުޅޭގޮތުން ތަފާތު ސުވާލު ތައް އަމިއްލަ ނަަފްސާ ކޮށްފާނެއެވެ. “އަހަރެން ކުނި ވަކިކުރަން ޖެހޭތަ؟ ކުނި ވަކިކުރުމަށްޓަކާ ފަނާވާޒާތު ކުންޏަކީ ކޮބާކަމާ ފަނާނުވާޒާތުގެ ކުންޏަކީ ކޮބާކަން ދެނެގަނެ މިކަމަށް ވަގުތު ހޭދަކުރުމަކީ ބޭނުންކަމެއްތަ؟ ކުނި ވަކިކުރަން ބަޔަކާ ހަވާލުވެފައި ނުވޭތަ؟

މިފަދަ ސުވާލުތަކަށް ދެވެން އޮތް އެންމެ ކުރު ޖަވާބަކީ ކުނި ވަކިކުރުމަށް އިންސާނީ ވަސީލަތާއި މެޝިނަަރީ ބޭނުންކުރެވޭނީ ވަކި މިންވަރަކަށް ކަމެވެ. ކުނި ވަކިކޮށް ހެޔޮގޮތުގައި ބޭނުންހިފޭ ތަކެތި ބޭނުން ކުރުމާ ކުނި މެނޭޖްކުރުމުގެ މަސައްކަތް ހަރުދަނާގޮތެއްގައި ކުރިއަށް ގެންދިއުމަށް ކުނި އުފައްދާ ފަރާތްތަކުން ކުނި ވަކިކޮށް ދިނުމުން ވަގުތު ސަލާމަތް ކުރުމަށާއި މަސައްކަތް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަގު ފަހިވެގެން ދާނެއެވެ.

ކުނި ވަކިކުރުމަކީ ބޭކާރު ވަގުތު ހޭދަވާ ކަމެއްގެ ގޮތުގައި ނުބަލާ އެކަމަކީ ކުނި މެނޭޖްކުރުމަށް އެހީތެރިވެދިނުމަށް ކުރާކަމެއްގެ ގޮތުގައި ބަލާ ފަރުދީ ޒިންމާ އަދާކުރާށެވެ. މި އަގުހުރި މަސައްކަތަކީ ތިމާވެށި ހިމާޔަތް ކުރެވޭ ހޭދައެއްކަމުގައި ބަލާށެވެ.