ރީސައިކަލް ކުރެވޭ ބާވަތްތަކުގެ ކުނި އުކާލުން

ރީސައިކަލް ކުރެވޭ ކުނީގެ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ ޕްލާސްޓިކްގެ ބައެއްބާވަތްތައް، މައުދަނުގެ ބާވަތްތައް، ބިއްލޫރި އަދި ކަރުދާސްފަދަ ބާވަތްތަކުގެ ކުންޏެވެ. ހެޔޮގޮތުގައި ކުނި މެނޭޖްކުރުމަށް ކުރެވޭ އެންމެ މުހިއްމު އެއްކަމަކީ ރީސައިކަލް ކުރެވޭ ބާވަތްތަކުގެ ކުނި ވަކިކޮށް ރީސައިކަލް ކުރާފަރާތްތަކަށް ފޯރުކޮށްދިނުމެވެ. މިހެންކަންކުރުމުން އެ ބާވަތްތައް ރީސައިކަލްކުރެވި އައު ތަކެތި އުފެއްދެއެވެ. ރާއްޖޭގައި އުފެދޭ ރީސައިކަލް ކުނީގެ ބާވަތްތައް އެކިރަށްރަށުން ނެގުމަށްފަހު ރާއްޖޭންބޭރުގައި ރީސައިކަލް ކުރާ ކުންފުނިތަކަށް ފޮނުވާ ތަފާތު ފަރާތްތައް މަދުންނަމަވެސް ހަރަކާތްތެރިވެއެވެ.

ރީސައިކަލް ކުރެވޭ ކުނީގެ ބާވަތްތައް ހޮވާ ނެގުމުން ކުނި އަޅާސަރަހައްދުތަކުން އަދި ގޮޑުދޮށްތަކާ ކަނޑުން ކުނި މަދުވެ ތިމާވެށްޓަށް ވަމުންދާ ގެއްލުންތައް ކުޑަކުރެވެއެވެ. އަދި މީގެ ސަބަބުން ތިމާވެށިން ލިބެންހުންނަ ވަސީލަތްތައް އާތަކެތި އުފެއްދުމަށް ބޭނުންކުރާ މިންވަރު ކުޑަވެގެންދެއެވެ. މިގޮތުން ކަރުދާސް އުފެއްދުމަށް ގަސްކަނޑާ މިންވަރު މަދުވެ މައިންކޮށްގެން މައުދަނުގެ ބާވަތްތައް ނަގާ މިންވަރު މަދުވެގެންދެއެވެ. އަދި މީގެ އިތުރުން މުޅިންއާ އެއްޗެއް އުފެއްދުމަށް ހޭދަކުރަންޖެހޭ ހަކަތައިގެ މިންވަރުވެސް މަދުކުރެވެއެވެ.

ކުނީގެ ގޮތުގައި އުކާލެވޭ ތަކެތީގެ ތެރޭގައި ރީސައިކަލް ކުރެވޭ ވަރަށް ގިނަ ތަކެތި އެކުލެވެއެވެ. މީގެ ތެރޭގައި ފުރޮޅު، ޕްލާސްޓިކު، ކަރުދާސް، ބިއްލޫރި އަދި އިލެކްޓްރޯނިކް ސާމާނު ހިމެނެއެވެ. ރީސައިކަލް ކުރެވޭ ބާވަތްތައް 4 ބަޔަކަށް ބަހާލެވެއެވެ. އެއީ، މައުދަނު، ޕްލާސްޓިކު، ކަރުދާސް އަދި ބިއްލޫރި އެވެ.

މައުދަނު: ބުއިންތައް ބަންދުކުރާ އެލުމީނިއަމް އަދި ސްޓީލް ދަޅަކީ %100 ރީސައިކަލް ކުރެވޭ ތަކެއްޗެވެ. މާނައަކީ ވަރަށް ގިނަ ފަހަރު މަތިން ރީސައިކަލް ކުުރެވިދާނެ ބާވަތްތަކެކެވެ.

ޕްލާސްޓިކް: ޕްލާސްޓިކް އުފައްދަނީ ފޮސިލް ފިއުލް (ތެޔޮ) ރިފައިންކޮށްގެ ގެސޮލީން އުފެއްދުމުން ބާކީވާ ހަރުކޮށްހުންނަ ރެސިންނަމަކަށް ކިޔާ ބައިންނެވެ. ރެސިން ހޫނުކޮށްގެން ތަފާތު ބައްޓަމަށް ދަމާލައިގެން ޕްލާސްޓިކް ކޮތަޅު، ފުޅި އަދި ޖަގު ފަދަ ގިނަ ބާވަތްތަކުގެ ތަކެެތި ތައްޔާރުކުރެއެވެ. މީގެ ބާވަތްތަކަކީ ކުނީގެ ތެރެއިން ވަކިކޮށް ރީސައިކަލް ކޮށްގެން އާ ބާވަތްތައް އުފެއްދިދާނެ ތަކެއްޗެވެ.

ކަރުދާސް: ގިނަ ބާވަތްތަކުގެ ކަރުދާސް ރީސައިކަލް ކުރެވެއެވެ. ނަމަވެސް ރީސައިކަލްކުރެވެނީ މަދު ފަހަރަކުއެވެ. ސަބަބަކީ އަލަށް އުފައްދާ ކަރުދާހުގައި ހުންނަ ބާރު ރީސައިކަލް ކުރާ ކަރުދާހުގައި ނުހުރުމެވެ. ނަމަވެސް ރީސައިކަލް ކުރެވޭ 1 މެޓްރިކް ޓަނުގެ ކަރުދާހުން 17 ގަސް ސަލާމަތް ކުރެވެއެވެ.

ބިއްލޫރި: ބިއްލޫރި އަކީ ރީސައިކަލް ކުރަން އެންމެ ފަސޭހަ ބާވަތެވެ. ސަބަބަކީ ކިތަންމެ ގިނަ ފަހަރުވެސް ބިއްލޫރި ރީސައިކަލް ކުރެވޭކަމެވެ. އަދި ބިއްލޫރި ރީސައިކަލް ކުރުމަށް ހޭދަކުރަންޖެހޭ ޚަރަދުވެސް ދަށެވެ. ސަބަބަކީ ރީސައިކަލް ކުރުމަށް ހޭދަކުރަންޖެހޭ ހަކަތައިގެ މިންވަރު ދަށްވުމެވެ. ބިއްލޫރި ރީސައިކަލް ކުރުމަށް ހޫނުމިން ބަހައްޓަންޖެހެނީ އާ އެއްޗެއް އުފެެއްދުމަށް ބޭނުންކުރާ ހޫނުމިނަށްވުރެ ދަށްކޮށެވެ.

ކުނި މެނޭޖްކުރުމުގެ ގަވާއިދަށް ގެނެވުނު ބަދަލާގުޅިގެން ރީސައިކަލްކުރުމަށް ބޭނުންކުރެވޭ ކުނީގެ ބާވަތްތައް ވަކިކުރުމާ ނެގުމުގެ މަސައްކަތްތަކަށް ކުރިއެރުންލިބި ފަސޭހަވެގެން ދާނެއެވެ. ޖެނުއަރީ 2021 ން ފެށިގެން ރާއްޖޭގެ ހުރިހާރަށެއްގައާއި ރިސޯޓުގައި ކުނި 4 ބަޔަށް ބެހުމަށް އެންގިފައިވެއެވެ. އަދި މާލޭ ސިޓީގައި 3 ބަޔަށް ބެހުމުގެ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށިގެން ދާނެއެވެ. މިއާއެކު، ރީސައިކަލްކުރެވޭ ބާވަތްތަކުގެ ކުނި ނެރުމުގެކުރިން ދޮވެ ސާފުކޮށްލުމަށް ޚާއްސަ އިރުޝާދު ދެވިފައިވެއެވެ.

މި މަޝްރޫއުގެ އެހީގައި ޤާއިމްވެގެންދާ ސިސްޓަމްގެ ސަބަބުން ރީސައިކަލްކުރުމުގެ މަސައްކަތް ކުރާ ކުންފުނިތަކަށާއި ފަރާތްތަަކަށް މިމަސައްކަތް ފުޅާކުރުމަށް ފަހި ފުރުސަތުތަކެއް ލިބިގެން ދާނެއެވެ. ރީސައިކަލް ކުރުމަކީ އިގްތިސާދަށް އޭގެ މަންފާކުރާކަމެކެވެ. އަދި ތިމާވެށި ހިމާޔަތްކުރުމަށާއި ސާފުކޮށް ބޭއްވުމަށް އެހީތެރިކަން ލިބޭކަމެކެވެ.