ކުނި ނެގުމާއި ނައްތާލުން

ދާދި ފަހަކާ ޖެހެންދެންވެސް ކުނި މެނެޖް ކުރުމުގެ ކަންކަން ހިންގުން އައީ ވަރަށް އާދައިގެ ގޮތަކަށެވެ. އަށްޑިހައިގެ އަހަރުތަކުގެ މެދުތެރެއާއި ޖެހެންދެންވެސް ގޭގެއިން އުކާލެވޭ ކުނީގެ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ ކުނިވާ ޒާތުގެ ކުންޏާއި، ފަނާވާ ޒާތުގެ ކުންޏެވެ. އެހެންނަމަވެސް، މީހުން ގެ ދރިއުޅުމަށް އައި ބަދަލާއި، މީހުންގެ ބޭނުންތައް އިތުރުވަމުން ދިޔަވަރަކށް ފަނާ ނުވާ ޒާތުގެ ކުނި ދިޔައީ އިތުރުވަމުންނެވެ. މީގެ ތެރޭގައި އެއްފަހަރު ބޭނުން ކޮށްފައި އުކާލެވޭ ޕްލާސްޓިކް ހިމެނެއެވެ.

މާލެ ސަރަޙައްދާއި އަޅާ ބަލާއިރު، ކުނި މެނެޖް ކުރުމުގެ ކަންކަމުގައި އަތޮޅު ތެރޭގެ ޙާލަތު ދެރައެވެ. ގްރޭޓަރ މާލެ ސަރަޙައްދުގައި ކުނި ނަގައި ނައްތާލުމުގެ މަސަތްކަތް ކުރަނީ ވޭސްޓްމެނޭޖްމަންޓް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް ގެފާރާތުންނެވެ. ނަމަވެސް އަދި މިހާތަނަށް ކުނި ވަކި ކުރުމުގެ މަސައްކަތެެއް ނުކުރެއެވެ. އަތޮޅު ތެރޭގައި ކުނި ނަގައި ނައްތާލުމުގެ މަސައްކަތް ކުރަނީ ކައުންސިލްގެ ފަރާތުންނެވެ. ނުވަތަ އިޖްތިމާއީ މަސައކަތްތަކުގައި ޙަރަކާތްތެރިވާ ކޮންމެވެސް ފަރާތްތަކުންނެވެ. ނުވަތަ ވިޔަފާރި އުޞޫލުން އެކަން ކުރަން ކައުންސިލުން ޙަވާލު ކޮށްފައިވާ ކޮންމެވެސް ފަރާތެކެވެ. ގޭގެއިން އަމިއްލައަށް އެގެއެއްގައި އުފެދޭ ކުނި ނަގައިގެން ގެންދިއުމަކީވެސް އާންމުކަމެކެވެ. ބައެއް ރަށްރަށުގައި ކުނި އުކާލުމަށް ކުނިކޮށި ހަމަޖެހިފައި ހުންނައިރު ކުނިކޮށި ނުހުންނަރަށްރަށުގައި ކައުންސިލުން ހަމަޖައްސައިފައި އޮންނަ ހާމަ ތަންތަނަށްވެސް ކުނި އަޅައެވެ. ކުނި އުކާލާ ނައްތާލުމަށް ހަމަޖެހިފައިވާ ނިޒާމު ގުޅިފައިވަނީ އެރަށެއްގައި ގާއިމުކުރެވިފައިވާ އުމްރާނީ ވަޞީލަތްތަކާއި، އިކުއިޕްމަނޓާއި ޢާލާތްތަކުގެ މައްޗަށެވެ.

އެކި ތަންތަނަށް ކުނި އެޅުމުގެ ސަބަބުން ރަށް ހަޑި ވުމުގެ އިތުރުން، އަތިރިމައްޗަށް އަޅާކުނި، ދިޔަވަރު ބޮޑުވާ ގަޑީގައި މޫދަށް ދަމައިގަނެއެވެ. މިގޮތަށް ކަނޑަށް ދޫވެގެންދާ ކުނި ފަރުތަކުގައި ހަރުލައި ނުވަތަ އެހެން ރަށްރަށުގެ އަތިރިމައްޗަށް ލައްގައެވެ. މިއީ ވަރަށް ގިނައިން ރާއްޖޭގެ ރަށްރަށުގެ އަތިރިމަތިން ފެންނަ މަންޒަރެކެވެ.

ރާއްޖޭގައި އާންމުގޮތެއްގައި، ކުނިވާޒާތުގެ ކުނި ނައްތާލެވެނީ ދެ ގޮތަކަށެވެ. އެއްގޮތަކީ ކުނި މޫދަށް އެޅުމެވެ. އަނެއްގޮތަކީ ކުނި އެންދުމެވެ. ގްރޭޓަރ މާލެ އެންވަޔަރަންމެންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނެޖްމަންޓް ޕްރޮޖެކްޓްގެ މީހުން ބިނާ ކުރުމާއި، ހޭލުންތެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ހެދުނު ރެޕިޑް އެސެސްމަންޓް އޮފް ޕަރސެޕްޝަންސް ރިޕޯޓު ބުނާގޮތުން %37 މީހުން ކުނިވާޒާތުގެ ކުނި ކުނި އަޅަނީ މޫދަށެ. %32 މީހުން ކުނި އަޅަނީ ކުނި ކޮށްޓަށެވެ. %21 މީހުން ކުނި އަޅަނީ ކުނި އެޅުމަށް ކަނޑައަޅާފައިވާހާމަ ތަނަކަށެވެ. 2% މީހުން ކުނި އަޅަނީ އަތިރިމައްޗަށެވެ. އަދި %8 މީހުން ވަކި ގޮތެއް ފާހަގަކޮށްފައެއް ނުވެއެވެ.