ވިޔަފާރިކުރާ ތަންތަނުގައި ކުނި މަދުކުރާނީ ކިހިނެތް؟

ގްރޭޓަރ މާލޭ އެންވަޔަރަންމެންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނެޖްމަންޓް ގެ މީހުން ހޭލުން ތެރިކުރުވުމާއި، ޤާބިލުކަން އިތުރު ކުރުމުގެ ޕްރޮގްރާމްގެ ދަށުން 2020 ވަނަ އަހަރު ފަހުކޮޅު ހެދުނު ރެޕިޑް އެސެސްމަންޓް އޮފް ޕަރސެޕްޝަންސް ރިޕޯޓުގައި ބުނާގޮތުން މާލެ އަދި ހުޅުމާލޭގެ ރެސްޓޯރަންޓް، ކެފޭ، ސުޕަރމާކެޓް، ގެސްޓްހައުސް ތަކުން އުފައްދާ ކުނީގެ ތެރެއިން އެންމެ ގިނައިން އުފައްދާ ކުނީގެ ގޮތުގައި ފާހަގަ ކުރެވެނީ ކާބޯތަކެތީގެ ކުންޏާއި، ޕްލާސްޓިކް ފުޅިއެވެ. ނަމަވެސް ގަރާޖް ތަކުންނާއި، ފެރީ އަދި ފާމަސީތަކުން އުފައްދާ ކުނީގެ ބާވަތްތައް ތަފާތެވެ. ގަރާޖްތަކުން އުފައްދާ ކުނީގެ ތެރޭގައި އެންމެ ގިނައީ ކާބޯތަކެތީގެ ކުންޏާއި، ޕްލާސްޓިކް ފުޅީއާއި، އެލުމިނިއަމް ދަޅާއި، ވެހިކަލް ތަކާއި އިންޖީނުތަކުގައި ބޭނުންކޮށްފައި ހުންނަ ތެލެވެ. ކަނޑު ދަތުރުކުރާ ފެރީ އުޅަނދުތަކުން އެންމެގިނައިން އުފެދޭ ކުންޏަކީ ބުއިމަށް ބޭނުންކުރާ ޕެކެޓް، ކާބޯތަކެތި، ޕްލާސްޓިކް ފުޅި، ޓިޝޫ، އަދި ހޮޑުކޮތަޅެވެ. ( ޕަލާސްޓިކް ކޮތަޅު). ފާމަސީ ތަކުން އެނމެ ގިނައިން އުފެދޭ ކުންޏަކީ ޕްލާސްޓިކް ފުޅި، މެޑިކަލް ކުނި އަދި ކާޑުބޯޑު ފޮއްޓެވެ.

  1. ވިޔަފާރި ކުރާ ތަންތަނުން ކުނި އުފެދޭ ވަރާއި ކުނީގެ ބާވަތްތައް ދެނެގަންނާށެވެ. އެންމެ ގިނައިން އުފެދެނީ ކޮންބާވަތެއްގެ ކުންޏެއްކަން އެނގުމުން އެއަށް ޙައްލު ހޯދަން މަސައްކަތް ކުރެވިދާނެއެވެ.
  2. ވިޔަފާރީގެ ސިޔާސަތު ގެ ތެރެއަށް ކުނި މަދުކުރުމުގެ ބައެއް އިތުރުކުރާށެވެ. މިސާލަކަށް ރެސްޓޯރަންޓް ތަކުގެ ވިޔަފާރި ސިޔާސަތުގެ ތެރެއަށް ކާބޯތަކެތީގެ ކުނި މަދުކުރެވޭނެ ގޮތްތައް ހިމެނިދާނެއެވެ.
  3. ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުން ފެނުގެ ބަދަލުގައި އިސްކުރުފެން ފިލްޓަރު ކޮށްގެން ބޭނުން ކުރެވިދާނެއެވެ. މިހާރުވެސް ފިލްޓަރު ކުރި ފެން  ނުވަތަ ބިއްލޫރި ފުޅީގައި ބަންދުކުރި ފެން ކަސްޓަމަރުންނަށް ފޯރުކޮށްދޭ  ބައެއް ގެސްޓްހައުސް، ރެސްޓޯރަންޓް، ކެފޭ ހުރެއެވެ.
  4. ކުނި މަދުކުރުމުގެ ސިޔާސަތު ހާމަކޮށް މުއައްޒަފުންނަށް ކަމުގެ ތަމްރީނު ދޭށެވެ. އަދި ވިޔަފާރި އަށް އަންނަ އެދެވޭ ބަދަލު ދެނެގަނެ  ފާހަގަ ކުރާށެވެ. މުއައްޒަފުންނަކީ ވިޔަފާރީގެ އެންމެ މުހިންމު އެއްބައެވެ. އެހެންކަމުން މުއައްޒަފުންނަށް އަންގައި ކަމުގައި ޝާމިލު ކުރާށެވެ.
  5. ކަސްޓަމަރުންނަށް ކުނި މެނެޖްކުރުމުގެ ސިޔާސަތު ހާމަ ކުރާށެވެ. ވިޔަފާރީގެ އުޞޫލުތަކާއި  އެދެވޭ ސިޔާސަތުތަކާއި ކަސްޓަމަރުން އެއްބަސް ވާނެއެވެ. މިސާލަކަށް: ރެސްޓޯރަންޓުގައި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ހޮޅި ބޭނުން ނުކުރާނަމަ ނުވަތަ ޕްލާސްޓިކް ފުޅި ބޭނުންނުކުރާނަމަ އެކަން ހާމަ ކުރާށެވެ. ފިހާރަތަކުން ކުރާ ވިޔަފާރިތަކުގައި ކަސްޓަމަރުގެ އަމިއްލަ ފޮތި ކޮތަޅު ގެންނަން ބާރުއަޅާށެވެ. އަދި އެފަދަ ކޮތަޅު ކަސްޓަމަރުންނަށް ގަންނަން ލިބޭ ގޮތަށް ބަހައްޓާށެވެ
  6. ކެފޭ/ ރެސްތޯރަންޓް/ ފިހާރަތަކުގައި ކުނި މެނެޖް ކުރުމުގެ ސިޔާސަތުގެ ދަށުން އެތަނަކުން ހިފަހައްޓާ އުޞޫލުތައް އާންމުންނަށް ފެންނާނެހެން ބަހައްޓާށެވެ.